ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ރާއްޖޭގެ ރަށްތައް ފެހިކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފަށާފައިވާ މި މުހިންމު ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ރޭވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ އިސްވެރިންނާއި އެޗްޑީސީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންދާނެ ގޮތްތަކާއި، މި ހަރަކާތް އިންތިޒާމުކުރުމަށް ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ފެހި އަދި ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އެގޮތުން ހުޅުމާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ އަދި ތަރައްޤީވަމުން އަންނަ އަވަށަކަށް ވާތީ، އެ ސަރަޙައްދު ފެހިކުރުމަކީ މި މަޝްރޫޢުގެ ވަރަށް ބޮޑު އަމާޒެކެވެ.
