ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅޭގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއެކު މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް ރަށު ފެންވަރުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މި ޕްރޮގްރާމް ހިންގާ ޓީމުން މިހާރު ރ. އަތޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން، އެ ރަށު ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކުގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މި ބޮޑު މަޝްރޫޢު ރަށު ފެންވަރުގައި ހިންގުމުގައި މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. އެގޮތުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ގޯތިތެރޭގައާއި އަދި އެ ހޮސްޕިޓަލުގެ ބައިވެރިވުމާއެކު ރަށު ފެންވަރުގައި ގަސް އިންދުމުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބާރުއެޅުމުގެ ގޮތުން މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒު ހިފައިގެން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މުހިންމު މަޝްރޫޢެކެވެ. ރ. އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި އެ އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކޮށް، ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
