ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ވިލުންތެރި ކުރުމުގެ މަޝްރޫޢެއް އެކުލަވާލާ ޔުނިސެފާ ގުޅިގެން ގްރީން ކްލައިމެޓް ފަންޑްގެ އެހީއަށް ހުށަހެޅުމަށް ނިންމައިފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ގުޅިގެން، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ވިލުންތެރި ކުރުމުގެ މަޝްރޫޢެއް އެކުލަވާލާ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ އެހީއަށް ހުށަހެޅުމަށް ފާސްކޮށްފިއެވެ. މި ކޮންސެޕްޓް ފާސްކޮށްފައިވަނީ 18 އޯގަސްޓް 2026 ގައެވެ. މި ޕްރޮޖެކްޓުގެ ތައްޔާރުކުރަނީ ޔުނިސެފާއި ގުޅިގެންނެވެ. މިކަމާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައިކަމާބެހޭ ފަރާތްތަކާއި ޖީ.ސީ.އެފް ސެކްރެޓޭރިއަޓް ބައިވެރިވެ، ޕްރޮޖެކްޓުގެ ކޮންސެޕްޓް ނޯޓުގައި ހިމަނާފައިވާ ބައިތަކާބެހޭގޮތުން މަޝްވަރާކޮށް، ޤައުމީގޮތުން އިސްކަންދޭ އަދި ޖީ.ސީ.އެފްއިން ބަލާ މިންގަނޑުތަކާއި އެއްގޮތަށް ހުރި މަސައްކަތްތަކެއްތޯ މަޝްވަރާކޮށް އެ ކޮންސެޕްޓް ނޯޓުގެ ބައިތަކާއި ބެހޭ ގޮތުން ހުރިހާ ފަރާތްތައް އެއްބަސްވިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަދި އެން.ޑީ.އޭ އަލްފާޟިލް އަމްޖަދު ޢަބްދުﷲ އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް، ޔުނިސެފް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ސްޓެލްކޯ، ފެނަކަ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ޖީ.ސީ.އެފް ސެކްރެޓޭރިއަޓްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮންސެޕްޓް ނޯޓް އެކުލަވައިލުމުގެ މަރުހަލާތަކާ ގުޅޭގޮތުން ޚުލާސާއެއް ހުށަހަޅައި، ޔުނިސެފްގެ ފަރާތުން ހުށަހަޅާފައިވާ މަޝްރޫޢުގެ ކޮންސެޕްޓާ ބެހޭ ޕްރެޒެންޓޭޝަނެއް ދީފައިވެއެވެ. މީގެ އިތުރުން، ޕްރޮޖެކްޓްގެ ބައިތަކާއި މި ޕްރޮޖެކްޓް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.
މިއީ ތަޢުލީމީ ދާއިރާގެ ވިލުންތެރިކަން އިތުރުކުރުމަށް ޖީ.ސީ.އެފް އަށް ހުށަހަޅާ ޕްރޮޖެކްޓް އެކުލަވައިލުމުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
