އެކްސެލެރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމްސް ޔޫސިންގ ރިނިއުބަލް އެނާރޖީ (އެޝުއަރ) ޕްރޮޖެކްޓް
ދިވެހިރާއްޖޭގައި ކުރިއަށްގެންދާ އެޝުއަރ މަޝްރޫޢަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:
ދަނޑުވެރިކަމުގެ ދާއިރާގައި ސޯލާ ހަކަތަ ބޭނުންކުރުން: ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިން ހިންގާ ދަނޑުވެރިކަމުގެ ހުނަރާއި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ތަރައްޤީކުރުމާއި އިރުގެ އަލީގެ ހަކަތއިގެ އެހީގައި ހިންގާ ފެންދޭ ނިޒާމުތައް ތަޢާރަފުކުރުން.
ޖިންސީ ހަމަހަމަކަމަށް އިސްކަންދޭ އިސްނެގުންތައް: އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަންހެނުންނަށް ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން. މީގެ ތެރޭގައި އިންޓަރންޝިޕްތަކާއި ލީޑަރޝިޕް ޕްރޮގްރާމްތައް ހިމެނެއެވެ.
މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތްތައް: މޫސުމީ ބަދަލުތަކަށް ވިލުންވެރި ތަރައްޤީއެއް ގެނައުމަށްޓަކައި މުޖުތަމައުގެ އިސްނެގުމާއެކު ހަރަކާތްތައް ކުރިއަށްގެންދިއުމާއި، ރަށު ފެންވަރުގައި އާންމުންގެ ބައިވެރިވުން ކަށަވަރުކުރުން.
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް އިތުރުކުރުން: 20 ރަށެއްގައި ސޯލާ ޕީވީ – ޑީސަލް ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމާއި ކަރަންޓު ވިއުގަ ތަރައްޤީކުރުން އަދި 46 މެގަވޮޓު އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުން އަދި އަޖުމަ ބެލުމަށް ވައިން ކަރަންޓު އުފައްދާ ނިޒާމަކާއި ކަންޑުގެ އޮއިވަރުން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުން ހިމެނޭ.
މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ އެހީތެރިކަމާއެކު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫޢެކެވެ.
މަޤްޞަދުތައް
- ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރު އިތުރުކުރުން.
ނަތީޖާތައް
- އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުވުން.
- އަމިއްލަ ފަރާތްތަކުން ހަކަތައިގެ ދާއިރާގައިކުރާ އިންވެސްޓްމަންޓްތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ޔަގީންކަން އިތުރުކުރުން.
- އައު ޓެކްނޮލޮޖީތަކާއި "ނެޓް މީޓަރިންގ" މެދުވެރިކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުން.
- މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ، ސްޓެލްކޯ، ފެނަކަ އަދި ރެގިއުލޭޓަރީ އިދާރާގެ ޤާބިލުކަން އިތުރުކުރުން.
- މޫސުމީ ހާދިސާތަކަށް ވިލުންވެރި އަދި އިޖުތިމާޢީ ގޮތުން ހުރިހާ ފަންތިއެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީތައް ތަޖުރިބާކޮށް ކުރިއެރުވުން.
މަޝްރޫޢުގެ ޓީމު
އަޙްމަދު ޢަލީ
މަޝްރޫއުގެ މެނޭޖަރު
އަޙްމަދު މަރުޒޫމް
ފަންނީ މާހިރު
ޑރ. އަޙްމަދު ޝުކުރީ ޙުސައިން
އިޖުތިމާއީ ކަންކަމާބެހޭ މާހިރު
ޠާލޫތު ރަޝީދު
މާލީ ކަންކަމާބެހޭ ގައުމީ މާހިރު
ޑރ. މިޒްނާ މުޙައްމަދު
ތިމާވެށީގެ ރައްކާތެރިކަމާބެހޭ މާހިރު
